Tuesday, 28 July 2026

ނޯތު ހާބަރުގެ ފީތައް ބޮޑުކުރާކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް: އެމްޕީއެލް

މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާ އެކު މިހާތަނަށް އެއްވެސް ކަހަލަ މަޝްވަރާއެއް ނުކުރާ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށާއި، އަދި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.

އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް، 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައި ކަމަށެވެ. އެހެންވެ، އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުންކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަދަލުވެސް ގެނެސްފައިވާކަމަށެވެ. އެގޮތުން މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މަސްވެރިކަން ކުރާ އޮޑި ދޯނިފަހަރަށް ހާއްސަ ކޮށްފައިވާ މާލެ ނޯތު ހާބަރުގެ "ޑީ ޒޯން" އާއި "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރު ވެސް ފީއެއް ނުނަގަ އެވެ.

"އެހެންކަމުން، މިކަމާ ގުޅޭ ގޮތުން ދެއްކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެކެވެ،" ބަޔާނުގައި ވެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތަށް ހެދުންކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލުން މިހެން ބުނީ، ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ ކަނޑު އުޅަނދުފަހަރުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވާ ކަމަށް ބުނެ، މިހާރު ކުރިއަށް ގެންދާ ލޯކަލް އިލެކްޝަންގެ ކެމްޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާފައިވާތީ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *