މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިދިޔަ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ބޮޑުވެފައިވާއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓީއޯ އާއި ޕްރައިވެޓް ސެކްޓާ ހިމެނޭ ގޮތަށް ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށް އެ މަނިކުފާނަކަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެ އަދަދަކީ އެންމެ 20 ދުވަހުގެ ސްޓޮކް ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ 20 ދުވަހުގެ ސްޓޮކްއެއް. ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު." އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
ނަޝީދު ވަނީ އެކަމާ ގުޅިގެން މިވަގުތު ރާއްޖެއިން އަޅަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ބައެއް ފިޔަވަޅުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެއީ؛
- ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަތުން.
- ކަރަންޓު ކަނޑާ ވަގުތުތަކެއް ކަނޑައެޅުން.
- އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން.
- ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވާ ވަގުތު މަދުކުރުން.
- އިޖުތިމާއީ ހަރަކާތްތައް މަދުކުރުން.
- މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކުރުން.
- އޭވިއޭޝަން ފިއުލް ކަށަވަރުކުރުން.
- އުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓު ފަހަރުގެ ރޫޓުތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރުން.
މި މަހުގެ ފަސް ވަނަ ދުވަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު ވަނީ 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ.


