Tuesday, 28 July 2026

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރު ވައްޓާލައިގެން: ފުލުހުން

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ވައްޓާލައިގެން ކަމަށް ފުލުހުން މިރޭ ބުނެފިއެވެ

ފުލުހުން މިރޭ ވަނީ އެ ހާދިސާ ހިނގި ވަގުތުން ފެށިގެން ކަން ހިނގި ގޮތުގެ ތަފްސީލު އާންމުކޮށް ބަޔާނެއް ނެރެފަ އެވެ.

ފުުލުހުން ބުނީ އެ ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 01:57 ހާއިރު ކަމަށާއި 01:58 ގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަދި އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަންޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުންޏެވެ.

ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް، ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ޚަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންދިޔަ. ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާއިރު ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނު: ފުލުހުން

ފުލުހުން ބުނީ ގެއަށް ވަދެވުނު އިރު ހަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އޭރު ވެސް އޭގެތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން އެނގުމުން އެ ދެ މީހުންނަށް އިތުރު ފަރުވާދޭން މާލެ ގެނައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 2:30 ހާއިރުކަމަށެވެ.

އެ ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށްފަ އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިހާރު ތިބީ ދިގުރަށުގަ އެވެ. މި ޓީމުން އަންނަނީ އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުގީގުތައް ކުރަމުންނެވެ.

ފުލުހުން ވަނީ މީހުން ސަލާމަތްކުރުމާއި އަލިފާން ނިއްވުމުގައި ދިގުރަށު ރައްޔިތުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރެއް އަދާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *