Tuesday, 28 July 2026
ފޮޓޯ: އެސްބީއެސް

އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދެމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ. މި ހަމަލާތަކުގައި ދެކުނުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޚަބަރުތައް ބުނާގޮތުގައި، އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ ޓައިރު ޑިސްޓްރިކްޓްގެ އައިޓިޓްގައި ހުރި ގެއަކަށާއި، ސައިދަންގެ ދެކުނުން އޮންނަ ޣާޒިއްޔާގައި ހުރި އިމާރާތަކަށެވެ. މީގެ އިތުރުން ނަބަޓިއޭ ގަވަރުނަރޭޓްގެ ކަފްރު ދޫނީން އަށާއި އެ ސަރަހައްދުގެ އެހެން ބައެއް ރަށްތަކަށްވެސް ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ކާރިސާއަށް އެހީތެރިވުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ 325 މިލިއަން ޑޮލަރުގެ އެހީދޭން ނިންމާފައިވާކަން މިއަދު އިއުލާން ކުރައްވާފައެވެ. މި ހަނގުރާމައިގެ ސަބަބުން ލުބުނާނުގެ އާބާދީގެ ހަތްބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ.

ބައިރޫތުގައި ހުންނަވައި މި އެހީގެ ކެމްޕޭން އިފްތިތާހު ކޮށްދެއްވަމުން ގުޓަރޭޒް ވިދާޅުވީ، "ބަހުން ފާޅުކުރާ އެއްބާރުލުމާ އެއްވަރަށް އަމަލުންވެސް އެއްބާރުލުން ދައްކަންޖެހޭ" ކަމަށެވެ. މި އެހީއަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *