އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ނިޔާވީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ހިނގި މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އަދި އެތަނުން ފަސް މީހެއް މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަމުން 02:00 އެހައިކަންހާއިރު އެވެ. އަދި މިހާރު ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެކޮމޮޑޭޝަން ބްލޮކުގައި ރޯވީ ގޭސް ލީކުވެގެންނެވެ. އަދި، އެ ސަރަހައްދު ބަންދުކޮށް މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާ ހިނގި އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުންގެ އަދަދާއި ހިންގާ ކުންފުނީގެ ނަމެއް ސާފުވެފައެއް ނުވެއެވެ.


