އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ދާދި ދެންމެއަކު ހާމަކުރިގޮތުގައި މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.
ފުލުހުން އިތުރށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ ދަމުން 02:00 އެހައިކަންހާއިރު އެވެ. އަދި މިހާރު ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާތީ އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.


