Tuesday, 28 July 2026

މެދުއިރުމަތީގެ މަޝްރަޙާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދާނެ އިތުރު ވަސީލަތްތައް ސަރުކާރުން ބަލަމުންދަނީ

މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދާނެ އިތުރު މަގުތަކެއް ސަރުކާރުން ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފް ސަރަޙައްދުގެ މަޝްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ޚާއްޞަ ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ކުޑަ ޖަޒީރާ ޤައުމަކަށް ވާތީ، ސަރަޙައްދީ ނުތަނަވަސްކަމުގެ ސަބަބުން އިޤްތިޞާދީ އަދި ސަލާމަތީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށާއި އިޤްތިޞާދީ ގޮތުން ކުރިމަތިވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި ކުރު ރާސްތާ އަދި ދިގު ރާސްތާގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މި ހަމަނުޖެހުންތަކުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާނެ އަސަރުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން ދިރާސާ ކުރަމުންދާ ކަމަށެވެ.

ޚަލީލް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ތެޔޮ ލިބޭނެ އައު މަގުތައް ހޯދުމަށް އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ހަމައެކަނި ވަކި ފަރާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ތަފާތު އެކި ވަސީލަތްތަކުން ތެޔޮ ހޯދޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ ބާޒާރަށް އަންނަ ބަދަލުތައް ސަރުކާރުން ބަލަމުންދާނެ ކަމަށާއި، ހާލަތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤައުމީ ބޭނުންތަކަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބޭނުންތަކަށް ބޭނުންވާ ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *