ބުދަ ދުވަހު ޝުކޭރީ އަވަށަށް ދިން މި ހަމަލާގައި އިތުރު 10 މީހަކު ޒަހަމްވެފައިވާ ކަމަށް އެ އަވަށާ އެންމެ ކައިރީގައި ހުރި މައި ހޮސްޕިޓަލް ކަމަށްވާ އަލް-ދުވައިމް ހޮސްޕިޓަލުގެ ޑިރެކްޓަރު މޫސާ އަލް-މަޖްރީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ސޫދާނީ ޑޮކްޓާސް ނެޓްވޯކުން މި ހަމަލާ ސިފަކޮށްފައިވަނީ ވައިޓް ނައިލް ސްޓޭޓްގައި އާރުއެސްއެފް އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައެވެ. ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެ ޖަމާއަތުން ވަނީ ދަރިވަރުން ތިބޭ ޑޯމިޓަރީތަކަށާއި، ކަރަންޓު އުފައްދާ މަރުކަޒުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ހަމަލާދީފައެވެ. މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފަށް އާންމުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެއް ކަމަށް އެ ނެޓްވޯކުން ބުނެއެވެ.
މާޗް 2025 ގައި ސޫދާންގެ ސަރުކާރު ސިފައިން (އެސްއޭއެފް) އިން ވެރިރަށް ހާރްތޫމުން އާރުއެސްއެފް ބޭރުކޮށްލުމާ ގުޅިގެން، އެ ޖަމާއަތުން މިހާރު ހަމަލާތައް އަމާޒުކުރަމުންދަނީ ކުރުދުފާން ސަރަހައްދަށާއި އުތުރު ދާރްފޫރުގެ އެލް-ފާޝިރު ސިޓީއަށެވެ. އެލް-ފާޝިރު އާރުއެސްއެފްގެ ބާރުގެ ދަށަށް ދިޔުމަށްފަހު، އެތަނުގައި ގިނަ އަދަދެއްގެ މީހުން މެރުމާއި، އިއްފަތް ފޭރުމާއި، މީހުން ވަގަށް ނެގުމުގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.
އދ. ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެލް-ފާޝިރުގައި އާރުއެސްއެފް އިން ހިންގާފައިވާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެކެވެ. މި މައްސަލަތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން މިހާރު ދަނީ ހަނގުރާމައިގެ ކުށްތަކުގެ ތަހުގީގެއް ހިންގަމުންނެވެ.
ސޫދާންގައި ހިނގަމުންދާ ދާހިލީ ހަނގުރާމައަށް ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، މިއީ ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ހައިހޫނުކަމާއި މީހުން ރަށްވެހިކަމުން ވަކިވާންޖެހުނު ކާރިސާ ކަމަށް އދ. އިން ބުނެއެވެ. ވޯލްޑް ފުޑް ޕްރޮގްރާމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސޫދާންގެ އާބާދީގެ 41 އިންސައްތަ ނުވަތަ 21.2 މިލިއަން މީހުން ތިބީ ކާބޯތަކެތީގެ ނުރައްކާތެރި ދަތިކަމެއްގެ ތެރޭގައެވެ.


