Tuesday, 28 July 2026

އެއަރޕޯޓުން ބީއެމްއެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހަކަށް ދައުވާކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާތައް އުފުލާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 8 އަދި 26 ވަނަ ދުވަހު ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޫބަރު 2025 ދުވަހުގެ ހަވީރު 4:15 އެހައިކަށްހައިއިރު އެވެ. ބީއެމްއެލްގެ ދެ މުވައްޒަފަކު ސޫޓްކޭސްއަކަށް އަޅައިގެން ގެންދިޔަ ގިނަ އަދަދެއްގެ ބޭރު ފައިސާއާއި ދިވެހި ރުފިޔާ ފޭރިގަނެފައިވަނީ އެއަރޕޯޓުގެ އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، ވަޅިން ބިރުދެއްކުމަށްފަހުގައެވެ. ފޭރިގަތް ފައިސާގެ ތެރޭގައި 106,000 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި، ޔޫރޯ، ޕައުންޑް، އަދި ޖަޕަނީސް ޔެން ހިމެނޭހެން އެކި ގައުމުތަކުގެ ފައިސާ ހިމެނެއެވެ.

މި މައްސަލައިގައި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ 6 މީހަކަށް ކޮށްފައިވެއެވެ. އެއީ ހުސައިން ޝަހުދު (ކ. ގުރައިދޫ)، މާޒިން މޫސާ (ލ. މާވައް)، އަހްމަދު ރައިހާން ނައީމް (މ. ކޯރަސް)، إބްރާހީމް އަނޫފް (ކ. ގުރައިދޫ)، އިސްމާއިލް ސިރްހާން (ރ. މަޑުއްވަރި) އަދި އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި) އެވެ.

މީގެ އިތުރުން ތ. ވިލުފުށީ އަހްމަދު މާހިދުގެ މައްޗަށް ފޭރުމުގެ ދައުވާގެ އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ސ. ހިތަދޫ އަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗަކުން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށްވެސް ކޯޓުގައި ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *