Tuesday, 28 July 2026

އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓުގައި: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކެމްޕޭނަށް މިއަދު ހުޅުމާލެ ދެކުނު ދާއިރާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، އެ ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަށް އެ މަނިކުފާނުގެ ތާއީދު އޮތް ކަމަށް ދެކެވޭ ވާހަކަތައް ސާފު އިބާރާތުން ދޮގުކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ އެ ދާއިރާގެ ރައްޔިތުންނަށް ކަމެއް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

"ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓުގައި. ހާއްސަކޮށް މި ދާއިރާގައި އަޅުގަނޑަށް ހަބަރުތަކެއް ލިބެނީ އެމްޑީޕީން ނިކުމެ ހުރި ކެންޑިޑޭޓު ބުނާ ކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެ ބޭފުޅާއަށް ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ތާއީދު އޮންނާނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށާއި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ އެމްޑީޕީ ހިމެނޭހެން އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެ މަނިކުފާނުގެ ތާއީދެއް ނޯންނާނެ ކަމަށެވެ.

ޕާޓީ ނިޒާމު ގަބޫލުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި ޕީއެންސީގެ ނިޝާނަށް އިޝާރާތް ކުރައްވައި "ދޫންޏަށް ވޯޓުދޭން ބޭނުންވަނީ،" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *