މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ކުލަގަދަ ކުޑަކުދިންގެ ހަވީރުތަކެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ ފާއިތުވި އަހަރު ބޭއްވި އީދު ހަރަކާތްތަކަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން، މި އަހަރުގެ އީދު ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
'އީދު ހަވީރު 1447′ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތައް މާލެ، ހުޅުމާލެ ފޭސް 1 އަދި 2ގެ އިތުރުން ވިލިމާލޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް އިންތިޒާމު ކުރަނީ އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ 10 ކުންފުންޏެއް ގުޅިގެންނެވެ. މި ހަރަކާތްތައް އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާނެއެވެ.
މާލޭގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ސަރަހައްދު ހިމެނޭ ގޮތަށެވެ. ހުޅުމާލޭގައި ފޭސް 1ގެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކު ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާއިރު، ވިލިމާލޭގައި އީދު ހަވީރު އޮންނާނީ އެ އަވަށު ފުޓްބޯޅަ ދަނޑުގައެވެ. މީގެ އިތުރުން އީދާ ދިމާކޮށް ސަލްޓަން ޕާކު ވެސް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން އީދު ހަދިޔާ ދިނުން ވެސް އޮންނާނެއެވެ. ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ތީމްތަކަށް ކުޑަކުދިން ގަޔާވާނެ ގޭމްތައް ހިމަނާފައި ހުންނާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ސިފައިންގެ ފަރާތުން މި ހަވީރުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އުޅަނދުތައް ދައްކާލުން ހިމެނެއެވެ. މި ތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.


