ފޮރިން މިނިސްޓްރީން ބުނީ، އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު އަދި ބަހްރޭން ފަދަ އަޚުވަންތަ ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ޚާއްޞަކޮށް، ގަލްފު ސަރަހައްދުގެ މަދަނީ ތަންތަނަށާއި، އެއަރޕޯޓްތަކުގެ އިތުރުން ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ރާއްޖެއިން ފާހަގަކުރެއެވެ.
"ގަލްފުގެ ގައުމުތަކުން އެއްވެސް ކުރިމަތިލުމަކަށް ނުދަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން ސަތޭކައަށްވުރެ ގިނަ އާންމުން މަރުވި އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއާއި، ހޮސްޕިޓަލްތަކާއި ތެޔޮ މަރުކަޒުތަކަށް ދީފައިވާ ގެއްލުން ބޮޑު ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
ދިވެހި ސަރުކާރުން ބުނީ މި އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރުވަމުންދާ ދިއުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަޔާން ނިންމާލަމުން، މެދުއިރުމަތީގެ ސަރަހައްދަށް ސުލްހަމަސަލަސްކަމާއި އަމާންކަން ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.


