މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.
ޑީޖޭއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބާއި އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް އިއުލާނުގައި ވިދާޅުވިއެވެ.
އިއުލާނުގައި ވިދާޅުވެފައިވަނީ ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދެއްވުމަށް އެ ޑިޕާޓްމަންޓުގެ ނަންބަރު 3340828 ފޯނަށް ގުޅަން އެދިފައިވެއެވެ.


