ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދުންފުހުގެ އަސަރު ފޯރައި، ވައިގެ ފެންވަރު ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ވަގުތު ވައިގެ ނުސާފުކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ވިލިމާލެ ސަރަހައްދުގައެވެ.
ވިލިމާލޭގައި ގާއިމުކޮށްފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ފެންވަރު ހުރީ 139 ގައެވެ. މިއީ "އޮރެންޖް އެލާޓް" ގެ ދަރަޖައެއް ކަމަށްވާއިރު، މިއީ ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވެދާނެ މިންވަރެކެވެ. "އައިކިއު އެއާ" ގެ ހިސާބުތަކުން ދައްކާ ގޮތުގައި ވިލިމާލޭގެ ވައިގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް 2.5 ހުރީ 42.1 ގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 12 ގުނަ އިތުރު މިންވަރެކެވެ.
އެކި ރަށްރަށުގެ ވައިގެ ކޮލިޓީ ހުރި މިންވަރު
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން ހުރި މިންވަރަށް ބަލާއިރު، ހދ. ކުޅުދުއްފުށީގެ އިންޑެކްސް ހުރީ 151 ގައެވެ. މިއީ ބަލި މީހުންނާއި ކުޑަކުދިން ފަދަ "ހައި ރިސްކު" މީހުންނަށް ނުރައްކާތެރި ދަރަޖައެކެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫގައި 124 ގައި ހުރިއިރު، ށ. ފުނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ވައިގެ ނުސާފުކަން ހުރީ މެދު މިންވަރެއްގައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް ވަނީ ލަފާދީފައެވެ.
މީގެ އިތުރުން، ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި ބޭރުން ނުސާފު ވައި ވަނުން ހުއްޓުވުމަށް ގޭގެ ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށްވެސް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.


