ސަރުކާރުގެ މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ދަރުފުޅުގެ އުމުރުން އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހެ އެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.
މިދިޔަ ހަފްތާގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ވަނީ ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެސް އެ ބިލުގެ މަސައްކަތް ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހި އެވެ.
ތަޅުމުގައި ނެގި ވޯޓުގައި، ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްވެފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
މީގެއިތުރުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިހުގެ މުއްދަތަށް ބަދަލު ގެންނަން ވެސް މިއަދުގެ މަޖިލީހުގައި ފާސްކޮށްފައިވެ އެވެ.


