Wednesday, 29 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ޕީއެންސީ

އައްޑޫގެ ކަރަންޓުގެ މައްސަލަ އަންނަ އަހަރުގެ ޖުލައިއަށް ހައްލުވާނެ: ރައީސް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުޅިން ހައްލުވެ، ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކަމުގެ އިތުބާރު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންސީގެ 'ގްރޭޓާ އައްޑޫ' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 26 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމަށް މިހާރު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. މި މަޝްރޫއު ނިމުމުން އައްޑޫގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"މި އަންނަ އަހަރުގެ ޖުލައި މަސް އަންނައިރުގައި، މުޅިން އެކުގައި މި މަޝްރޫއު ނިމި، ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި މި މަޝްރޫއު ވަނީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްފަ އެވެ. ޖުމްލަ 31 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 478 މިލިއަން ރުފިޔާ) ހަރަދުވާ މި މަޝްރޫއުގެ ދަށުން އައްޑޫގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ބޮޑުތަނުން އިތުރުވެގެންދާނެ އެވެ.

އައްޑޫ ސިޓީގެ އެކި ރަށްތަކުން ކަރަންޓު ކެނޑުމާއި، ނިޒާމަށް ދިމާވެފައިވާ ބާރުބޮޑުވުމުގެ މައްސަލައަކީ އެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ މައްސަލައެކެވެ. މި މައްސަލަ ދިގުލައިގެން ގޮސްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއު ނިމުމުން އައްޑޫގެ އިގްތިސާދީ މަސައްކަތްތަކަށާއި އާންމު ދިރިއުޅުމަށް ބޭނުންވާ މިންވަރަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *