Tuesday, 28 July 2026
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން -- ފޮޓޯ: ބީބީސީ

އަވަށްޓެރި ގައުމަކުން ހަމަލާއެއް ނުފޮނުވާހާ ހިނދަކު، އީރާނުން ދެން ހަމަލާ ނުދޭނެ: ރައީސް ޕެޒެޝްކިއަން

އަވަށްޓެރި ގައުމަކުން އީރާނަށް ހަމަލާއެއް ނުފޮނުވާހާ ހިނދަކު، އެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެން ހަމަލާ ނުދޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދެވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ވަގުތީ ލީޑަޝިޕް ކައުންސިލުން އަވަށްޓެރި ގައުމުތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ޕެޒެޝްކިއަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި އަވަށްޓެރި ގައުމުތަކަށް އަމާޒުވި ހަމަލާތަކަށްޓަކައި ރައީސް ވަނީ އެ ގައުމުތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އީރާނުން ހަމަލާދީފައިވަނީ އަވަށްޓެރި ގައުމުތަކަށް ނޫން ކަމަށާއި، އަމާޒުކުރީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި ވިދާޅުވީ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވާނެ ކަމަށާއި، ކުރިން އަމާޒުނުކުރާ ތަންތަނާއި ގްރޫޕްތައް ނައްތާލުމަށް ބަލަމުންދާ ކަމަށެވެ. އަދި ތިން ދުވަސް ތެރޭގައި އީރާނުގެ 42 މަނަވަރު ހަލާކުކޮށްލާފައިވާ ކަމަށްވެސް ޓްރަމްޕް ދައުވާ ކުރެއްވިއެވެ.

އަދި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުން "ޝަރުތެއް ނެތް އަމާންދިނުމަށް" ގޮވާލައްވާފައެވެ. މި ގޮވާލެއްވުމަށް ރައީސް ޕެޒެޝްކިއަން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

"އަހަރެމެން ޝަރުތެއް ނެތް އަމާންދިނުމަކީ އެމީހުން ކަށްވަޅަށް ދާއިރުވެސް ދެކޭނެ ހުވަފެނެއް،" ޕެޒެޝްކިއަން ވިދާޅުވިއެވެ. އަދި އީރާނުން އަމަލުކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ އޮނިގަނޑުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަވަށްޓެރި ގައުމުތަކުގެ އިސްތިގުލާލަށް އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް، ދުޝްމަނުންގެ ހަމަލާތައް ކުރިއަށްދާނަމަ، މި ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކީ އީރާނުގެ މައިގަނޑު އަމާޒުތަކެއް ކަމުގައި ބަލައި، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފައެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ގަލްފަށް ވަންނަ ކޮންމެ ދުޝްމަނު މަނަވަރެއްގެ ނިމުން އޮތީ ކަނޑުގެ އަޑީގައި ކަމަށެވެ. ރައީސް ޕެޒެޝްކިއަން ނިންމަވާލައްވަމުން ވިދާޅުވީ އަވަށްޓެރިންނާއެކު އޮންނަ ގުޅުމަށް އިސްކަންދިނުމަކީ، އެމެރިކާ އާއި އިޒްރޭލުގެ އުދުވާނުން ދިފާއުވުމަށް އީރާނަށް ލިބިގެންވާ ހައްގު ގެއްލިގެންދާނެ ކަމެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *