Tuesday, 28 July 2026
ތުރުކީގެ ހުޅަނގު އައްސޭރިފަށުގައި ތުރުކީގެ ކަނޑުގެ އަސްކަރީ ތަމްރީނުތަކުގައި ތުރުކީގެ އެފް16 މަރުކާގެ މަތިންދާބޯޓު އުދުހެނީ -- ފޮޓޯ: ޚަލީލް ހަމްރާ/އޭޕީ

ނޭޓޯއިން މިސައިލެއް ވައްޓާލި މައްސަލާގައި ތުރުކީއަށް ހަމަލާ ނުދޭކަމަށް އީރާނުން ބުނެފި

ތުރުކީގެ ސަރަހައްދަށް އަމާޒުކޮށް އެއްވެސް މިސައިލެއް ފޮނުވާފައިނުވާނެ ކަމަށް ބުނެ އީރާނުގެ ހަތިޔާރު އެޅި ސިފަައިން އެކަން ދޮގުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން އަބަދުވެސް ތުރުކީގެ އިސްތިގުލާލަށް އިހުތިރާމް ކުރާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އީރާނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ސީރިއާ އާއި އިރާގުގެ ވައިގެ ސަރަހައްދު ހުރަސްކޮށް ތުރުކީއަށް ވަންނަން އުޅެނިކޮށް، މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި ގާއިމްކޮށްފައިވާ ނޭޓޯގެ ދިފާއީ ނިޒާމުން އެ މިސައިލް ވައްޓާލާފައިވާ ކަމަށް ތުރުކީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ތުރުކީއާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް ރައްދު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށާއި، މަސްލަހަތު ގޯސްވާ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިންޒާރު ދީފައެވެ.

މިކަމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ، ނޭޓޯގެ ބައިވެރިންނާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށެވެ.

"އަހަރެމެން ގައުމެއްގެ ގޮތުގައި އަމާންކަމާއި ހަމަޖެހުމުގައި އުޅެން ބޭނުންވާނަމަ، އަހަރެމެންގެ ދިފާއީ ގާބިލްކަން އަބަދުވެސް ވަރުގަދަ ކުރަންޖެހޭނެ،" އުރުދުޣާން ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެ ހަރުކަށި އިބާރާތުން އިންޒާރު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވަނީ އީރާނުގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި މިކަމާ ގުޅޭގޮތުން ތުރުކީގެ ކަންބޮޑުވުންތަކާއި އިހުތިޖާޖު ރަސްމީކޮށް އަންގަވާފައެވެ. ނޭޓޯއިންވެސް ވަނީ އީރާނުގެ މި އަމަލު ކުށްވެރިކޮށް، ތުރުކީއާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ނޭޓޯގެ މުއާހަދާގެ 5 ވަނަ މާއްދާ (އެއް ގައުމަށް ދޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ދޭ ހަމަލާއެއް ކަމަށް ބަލާ މާއްދާ) ހިންގަންޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ތުރުކީގައި ހުންނަ އިންސިރްލިކް އެއާ ބޭސްއަކީ ނޭޓޯއާއި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *