ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އަޑިއަށް ދިޔަ އީރާނުގެ އަސްކަރީ މަނަވަރަށް ހަމަލާދިނީ އެމެރިކާގެ ސަބްމެރިންއަކުން ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މިއަދު ވިދާޅުވީ، މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޓޯޕެޑޯއަކުން ހަމަލާދީ މަނަވަރެއް ފައްތާލި ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ އެ މަނަވަރު ވަނީ އެމެރިކާގެ ހަމަލާގައި މުޅިން ހަލާކުކޮށްލާފައެވެ.
ހެގްސެތު އިތުރަށް ވިދާޅުވީ، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއިން ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުން ގަބޫލުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެ ގައުމުގެ މަނަވަރުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވިދާނެ ކަމަށް ނަމަވެސް، އެ ފުރުސަތު ނުދޭނެ ކަމުގެ އިޝާރާތެއް އޭނާ ކުރެއްވިއެވެ.
މި ހާދިސާގައި އީރާނުގެ މަނަވަރު ފެތުމާ ގުޅިގެން 100 އަށްވުރެ ގިނަ ފަޅުވެރިން ވަނީ ގެއްލިފައެވެ. އެ މަނަވަރުގައި ޖުމްލަ 180 ފަޅުވެރިން ތިބި ކަމަށް ރިޕޯޓުތައް ބުނާއިރު، ސްރީ ލަންކާގެ ކޯސްޓް ގާޑުން މިހާތަނަށް ވަނީ 32 މީހަކު ސަލާމަތްކޮށްފައެވެ.
މި ނުރައްކާތެރި ހަމަލާއާ ގުޅޭގޮތުން އީރާނުގެ ސަރުކާރުން ނުވަތަ އަސްކަރިއްޔާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


