ދިވެހިރާއްޖެއިން މިއަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު، އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ދެއްކުމަށް ސަރުކާރުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް ވިދާޅުވީ މި ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ މިހާރުވެސް ދައުލަތުގެ ރިޒާވްގައި ރައްކާކުރެވިފައިވާ ކަމަށެވެ.
ސުކޫކު ދެއްކުމަށްޓަކައި މިހާރުވެސް ޖުމްލަ 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރައްކާކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އަދި ޔޫޒަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށެވެ.
"މި ފައިސާ 8 އޭޕްރީލްގައި ދައްކަން މިވަނީ ތައްޔާރުވެފައި" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގްރޮސް ރިޒާވް މިހާރު 1.27 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް، ރާއްޖޭގެ ރިޒާވް މިހާރު ހުރި މިންވަރުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މާލީ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިގްތިސާދު މެނޭޖްކުރަމުންދަނީ ބޭރުގެ ދަރަނިތަކާއި ރާއްޖޭގެ އެތެރޭގެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ވެސް ގަވާއިދުން ދެއްކޭނެ އިންތިޒާމުތަކާއެކު ކަމަށެވެ.
"އަޅުގަނޑުމެންގެ އިގްތިސާދު މެނޭޖްކުރަމުން މިދަނީ އަޅުގަނޑުމެން ރާއްޖޭން ބޭރަންޖެހޭ ދަރަނި ދެއްކޭގޮތަށް ކަންކަން ކުރަމުން،" ރައީސް ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއިން ބޭރުގެ ދަރަނި އަދާކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނުވަތަ ކަންބޮޑުވުމެއް ނެތް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.


