އިސްރާއީލުގެ އުތުރުގައި އޮންނަ ހައިފާ ކައިރީގައިވާ އަސްކަރީ މަރުކަޒަކަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ރޮކެޓާއި ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ހިޒްބުﷲ އިން ހޯމަ ދުވަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާއަކީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާއެއް ކަމަށެވެ. އަދި މިއީ ލުބުނާނާއި އެ ގައުމުގެ ރައްޔިތުންގެ ދިފާއުގައި އަދި އިސްރާއީލުން ތަކުރާރުކޮށް ދެމުންދާ އުދުވާނަށް ދިން ރައްދެއް ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން މި ހަމަލާތަކުގައި މިހާތަނަށް 31 މީހުން މަރުވެ 149 މީހުން ވަނީ ޒަހަމްވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ބެއިރޫތުގެ ސަރަހައްދުގައި ތިބި ހިޒްބުﷲގެ އިސް މެންބަރުންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާތަކާއެކު މުޅި ސަރަހައްދީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހިޒްބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަނުމަށް ނިންމި ނިންމުމާ ދެކޮޅަށް ވަރުގަދައަށް ފިޔަވަޅު އަޅާނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް ނުރައްކާވާނެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނާއި ބެކާ ވާދީގެ 50 އަށްވުރެ ގިނަ އަަށްވުރެ ގިނަ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އަންގާފައެވެ. މީގެ ތެރޭގައި ބިންތު ޖުބައިލް ފަދަ މުހިންމު ރަށްތައް ހިމެނެއެވެ. މި އެންގުމަކީ އިސްރާއީލުން މީގެ ކުރިންވެސް އާންމުން ރަށްތަކުން ބޭރުކުރުމަށް ނެރޭ ފަދަ އަމުރެކެވެ.
ހިޒްބުﷲ އިން ބުނެފައިވަނީ އިސްރާއީލުން ލުބުނާނުގެ ބިންތަކުން ފޭބުމަށާއި، 15 މަސް ދުވަހަށް ދެމިގެން ގޮސްފައިވާ އުދުވާން ހުއްޓާލުމަށް މަޖުބޫރު ކުރުވުމަށްޓަކައި ރައްދު ހަމަލާ ދިނުމުގެ ހައްގު އެ ޖަމާއަތަށް ލިބިގެންވާ ކަމަށެވެ. މި ހަމަލާ ބަދަލުކުރުންތަކަކީ އެމެރިކާއާއި އިސްރާއީލު އެއްކޮޅުން، އަދި އީރާނާއި އޭގެ ބައިވެރިން އަނެއްކޮޅުން ބައިވެރިވާ ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވަމުންދާ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.


