މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި، ތެލުގެ ސަޕްލައިއަށްވެސް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ.
މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާތީ، އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނާ ގުޅުއްވައި ރާއްޖެއިން އެ ގައުމުތަކާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރޭގެ ވަގުތެއްގައި ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައި، މި ދަނޑިވަޅުގައި ރާއްޖެއިން އެ ގައުމަށް އެއްބާރުލުން ދޭނެކަން ހާމަކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ކިޔަވަން ތިބި ދަރިވަރުންގެ އިތުރުން އެ ސަރަހައްދަށް ދަތުރުކުރާ މީހުންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާތަނަށް ބެލި ބެލުމުން އެއްވެސް ދިވެއްސަކަށް ނުރައްކާތެރި ނުވަތަ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް ކުރިމަތިވެފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ބޭރުގެ މަސްލަހަތު ގޯސްވާ ދަނޑިވަޅުތަކުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަމަަނުޖެހުންތައް ފެށިފައިވަނީ އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން، އިރާނުން ރައްދުގައި ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ އަދި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުންނެވެ. މި ހާލަތާ ގުޅިގެން އިޒްރޭލުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ގައުމުގެ ވައިގެ ސަރަހައްދުގެ އިތުރުން ފަލަސްތީނުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ.


