ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކަރު، އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުންތަކެއް ބޭއްވި މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނު އެދިވަޑައިގެންގެން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕްސްޓީންއާ ވަހީދާ އޮތް ގުޅުމުގެ މައްސަލާގައި ސަރުކާރުން ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަނަށް އެކަން އެނގުނު ހިސާބުން ވަހީދަށް އިސްތިއުފާ ދެއްވަން އެންގެވި ކަމަށެވެ.
"އަޅުގަނޑަށް ތިކަން އެނގުނު ހިސާބުން އަޅުގަނޑު ވަހީދަށް ދެންނެވީ އިސްތިއުފާ ދިނުމަށް. އެހެންވެ އިސްތިއުފާ ދެއްވީ،" ރައސް ވިދާޅުވިއެވެ.
ރައީސްގެ އެޑްވައިޒަރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީންގެ މެއިލްތަކުން ހާމަވި ގޮތުގައި، ވަހީދު ވަނީ ޓޫރިޒަމްގެ އެކި މަޝްރޫއުތަކާ ގުޅޭގޮތުން އެޕްސްޓީންއާ މުއާމަލާތް ކުރައްވާފައެވެ. އޭގެ ތެރޭގައި އިންނަހެރާ މަޝްރޫއާއި ފުއްގިރި ތަރައްގީކުރުމާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ. ވަހީދު ފޮނުއްވި މެއިލްތަކުގައި ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ ވީއައިޕީ މީހުންނަށް ހާއްސަކޮށްގެން ކަމަށާއި، އެޕްސްޓީން މެދުވެރިކޮށް ރަޝިއާ އާއި މެދުއިރުމަތީގެ ވިޔަފާރިވެރިންނާ ގުޅިގެން އެ ރަށް މެނޭޖު ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ވަހީދު ނައިބު ރައީސްކަމާއި ރައީސްކަން ކުރެއްވި ފަސް އަހަރުގެ ތަޖުރިބާގެ މައްޗަށް އިނގިރޭސި ބަހުން ފޮތެއް ނެރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނުވަތަ އެމެރިކާއިން އެ ފޮތް ނެރެދޭނެ ފަރާތެއް ހޯދައިދިނުމަށް ވެސް އެޕްސްޓީންގެ ކިބައިން އެދިވަޑައިގެންފައިވާކަން އެ މެއިލްތަކުން އެނގެއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްސްޓީންއާ އެކު ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތިން ކަމަށާއި އެއީ ރަސްމީ ބައްދަލުވުންތަކެއް ކަމަށެވެ. ފުރަތަމަ ބައްދަލުވުމަކީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރޭގަނޑުގެ ކެއުމެއް ކަމަށާއި، ދެވަނަ ބައްދަލުވުމަކީ 2014 ވަނަ އަހަރުގެ މޭ މަހު އިގްތިސޯދީ މަޝްވަރާއަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އެޕްސްޓީންއާ ގުޅުން ބަދަހިކުރިކަން އާންމުވުމާ އެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާފައެވެ.


