މާލޭގެ މއ. ސިޓީވިލާގައި ރޭ މެންދަމު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ. އެ އޮތޯރިޓީން ބުނީ އަލިފާން ރޯވި ގޭގައި ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ސިޓީވިލާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 03:06 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 04:12 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަލިފާނުގެ ސަބަބުން ގޭގެ އޮނިގަނޑަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
އެންޑީއެމްއޭއިން ބުނީ ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން، ކެއިން ބުއިމާއި އެހެނިހެން ޒަރޫރީ އެހީތެރިކަން ވެސް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


