Tuesday, 28 July 2026

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދުވެސް ވީއައިއޭގެ ގިނަ ފްލައިޓްތަކެއް ކެންސަލް!

މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އަންނަން ހުރި އަދި ފުރަން ހުރި ގިނަ ފްލައިޓްތަކެއް މިއަދު ކެންސަލްކޮށްފިއެވެ. އެއާޕޯޓުގެ ފްލައިޓް ޝެޑިއުލް ދައްކާގޮތުން ޖުމްލަ 20 ފްލައިޓެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މީގެ ތެރޭގައި ފްލައިދުބާއީ، ގަތަރު އެއާވޭސް، އިއްތިހާދު، ގަލްފް އެއާ، އެމިރޭޓްސް އަދި އެއާ އަރަބިއާ ފަދަ މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން ފުރަން ދިޔަ ގާތްގަނޑަކަށް 1,400 އެއްހާ ފަތުރުވެރިންގެ ފްލައިޓްތައް ކެންސަލްވެ، އެ ފަރާތްތައް ވަނީ އެއާޕޯޓުގައި ތާށިވެފައެވެ.

ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ނުފުރިފައި ތިބި ފަތުރުވެރިންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތައް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަޒީރު ތޯރިގް އިބްރާހިމް ރޭ އެއާޕޯޓަށް ވަޑައިގެން ވިދާޅުވީ، އެމްއޭސީއެލް މެދުވެރިކޮށް ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި، ރެސްޓޯރެންޓް ސަރަހައްދުގެ އޭސީ ބައި ފަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ކުރީގެ އައިލެންޑް އޭވިއޭޝަން ލައުންޖުވެސް އާއިލާތަކަށް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއާޕޯޓުގައި މަޑުކުރަން ޖެހިފައިވާ ފަތުރުވެރިންނަށް ބޭނުންވާނެ ރަޖާ އާއި ނިދަން ބޭނުންކުރާ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ. މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެފައިވާތީ، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ފްލައިޓްތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ. އެހެންކަމުން ދަތުރުވެރިން އެއާލައިންތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *