މެދުއިރުމަތީގައި މިއަދު ފެށުނު ހަމަލާތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއެއް މިރޭ އެކުލަވާލައްވައިފި އެވެ. މި ކޮމިޓީ އެކުލަވާލެއްވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޖުމްލަ ނުވަ ވަޒީރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ. ތަރުޖަމާނު ހީނާ ވިދާޅުވި ގޮތުގައި، މި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުން ކަމާ ގުޅޭ އެންމެހާ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަމުންދާނެ އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން
މި ހާއްސަ ކޮމިޓީގެ ޗެއާއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ:
- ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން
- ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވަނީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މި ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަލާތައް ހުއްޓާލައި ސުލްހަވުމަށް ގޮވާލާ ބަޔާނެއް ނެރެފަ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ވައިގެ މަގުތައް ބަންދުކުރުމާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފަ އެވެ. މީގެ ސަބަބުން ބައެއް ފަތުރުވެރިން ރާއްޖޭގައި ތާށިވެފައިވާއިރު، އިގްތިސާދީ ގޮތުން ރާއްޖެއަށް ނުސީދާ އަސަރުތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.


