މެދުއިރުމަތީގައި އަލަށް ފެށުނު ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ސީދާ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެތީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އިޤުތިޞާދު ހިފެހެއްޓުމަށް ވިސްނުންތެރި ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. ފައިސަލް ވިދާޅުވީ މިއީ އިޤުތިޞާދީ ގޮތުން ނުހަނު ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ވަގުތެއް ކަމަށެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު، ހަނގުރާމައިގެ ސަބަބުން ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް ފްލައިޓްތައް ކެންސަލްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޮޑު ލޮޅުމެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ. މިހާރުވެސް އެތައް ހާސް ފަތުރުވެރިންނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިމްޕޯޓަށް ކުރާނެ އަސަރާއި ތެލުގެ އަގު
އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ ވިޔަފާރިއަށާއި ބައިނަލްއަޤުވާމީ މުއާމަލާތްތަކަށް ބުރޫއަރާފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، މުޅިން އިމްޕޯޓަށް ބަރޯސާވާ ރާއްޖެއަށް މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ޚާއްޞަކޮށް މި ރަމަޟާން މަހު ތެލާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިނުވާނެ ކަމުގެ ކަށަވަރުކަން ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހަނގުރާމަ ފެށެން އުޅޭކަމުގެ ސިގްނަލްތައް ދުރާލައި އައީ ލިބެމުން. އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަދި ނުސީދާ ގޮތުން ކޮށްފާނެ އަސަރަކަށް ސަރުކާރުން ތައްޔާރުވެ އޮތީ ކިހާމިންވަރަކަށްތޯ ސުވާލުކޮށްލަންޖެހޭ،" ފައިސަލް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ތަޖުރިބާ
2019 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަށް އިޝާރާތް ކުރައްވަމުން ފައިސަލް ވިދާޅުވީ، އެ ދުވަސްވަރު އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވީނަމަވެސް، އާންމުންގެ ދިރިއުޅުމަށް ކުރި އަސަރު ކުޑަކުރެވުނީ ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުން ކަމަށެވެ. ކޮވިޑްގެ ގެއްލުންތަކުން އަރައިގަންނަން ގިނަ ދުވަސްތަކެއް ހޭދަވި ފަދައިން، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ލިބޭ ގެއްލުންތައް އިޢާދަވާންވެސް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ފައިސަލް ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިޤުތިޞާދީ ދާއިރާގެ މާހިރުންގެ ލަފަޔާއި މަޝްވަރާގެ މަތިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.


