އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރާއްޖެއަށް ކުރާ ގިނަ ފްލައިޓްތަކެއް މިއަދު ކެންސަލްވެއްޖެ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ނުވަ ފްލައިޓެއް ކެންސަލްކޮށްފައިވާ އިރު، މިއީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަމަށްޓަކައި ވައިގެ މަގުތައް ބަންދުކުރުމުގެ ސަބަބުން ދިމާވި ހުރަހެކެވެ.
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް މިހާރު އަންނަނީ އެ ސަރަހައްދުގެ އެކި ގައުމުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. މި ނުރައްކާތެރި ހާލަތާ ގުޅިގެން ދުބާއީ، ޝަރްޖާ، ބަހްރެއިން، އަބޫދާބީ އަދި ދޯހާ ފަދަ މައިގަނޑު ހުރިހާ މަންޒިލްތަކަކުން ރާއްޖެއަށް ކުރާ ދަތުރުތައް މިވަގުތު ވަނީ މެދުކަނޑާލައިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މުހައްމަދު ވިދާޅުވީ، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ ކަމަށެވެ. މި ހާލަތާ ގުޅިގެން އެއާލައިންތަކާއި ރިސޯޓުތަކާ ގުޅިގެން ދަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ކަންކަން މެނޭޖުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޔޫރަޕާއި އެހެނިހެން ސަރަހައްދުތަކުން އަންނަ މީހުން އެންމެ ގިނައިން ޓްރާންސިޓް ކުރަނީ ދުބާއީ އާއި ދޯހާގަ އެވެ. އެހެންކަމުން، މި ސަރަހައްދުތަކުގެ ވައިގެ މަގު ބަންދުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ވަގުތުން ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ. ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވަމުންދާ ނަމަ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިއުމުގެ ބިރު ވަނީ ހީވެފަ އެވެ.


