Tuesday, 28 July 2026
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ހަމަލާދީފަ -- ފޮޓޯ: ސަންޑޭ ގާޑިއަން ލައިވް

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

އެމެރިކާ އާއި އިޒްރޭލުން އީރާނަށް މިއަދު ދިން ހަމަލާތަކާއި، އެއާ ގުޅިގެން އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދިވެހިން ސަމާލުވުމަށާއި ބޭރަށް ނުކުމެ ނޫޅުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިލްތިމާސްކޮށްފިއެވެ.

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މި ހަމަލާތައް އަމާޒުވެފައިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ބަހްރެއިން އަދި ކުވައިތު ހިމެނެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން، ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި، އެ ގައުމުތަކުގެ ސަރުކާރުތަކުން ދޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

"މި ސަރަހައްދުގައި މި ވަގުތު ތިބި ދިވެހިންގެ ހާލަތު، މި މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން މިދަނީ ގާތުން ބަލަމުންނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ހަމަލާތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ފްލައިދުބާއީ، އިއްތިހާދު، ގަތަރު އެއާވޭސް އަދި ކުވައިތު އެއާވޭސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ. މީގެ އިތުރުން، މާލެއިން ދުބާއީއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް، ގަލްފް ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ވަނީ އަނބުރާ ރާއްޖެއަށް އައިސްފައެވެ.

ހަމައެއާއެކު، ޔޫރަޕާއި އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދަށް ދަތުރުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ދެ ޕްރައިވެޓް ޖެޓެއް ވެސް ވަނީ ދަތުރު މެދުކަނޑާލުމަށްފަހު އެނބުރި ރާއްޖެ އައިސްފައެވެ. މި ވަގުތު ދުބާއީ އެއާޕޯޓުން ވެސް ވަނީ ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *