މެލޭޝިއާގައި މިހާރު ބާރަށް ޓީބީ (ފުއްޕާމޭގެ ބަލި) ފެތުރެމުންދާތީ، އެކަމާ ގުޅިގެން ރާއްޖެއަށް އޮތް ނުރައްކާ ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓެއް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ. މެލޭޝިއާ އަކީ ގިނަ އަދަދަކަށް ދިވެހިން ދަތުރުކޮށް އުޅޭ އަދި ތައުލީމާއި އެކި ބޭނުންތަކަށް ގިނަ ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެލޭޝިއާގައި ޓީބީ އިތުރުވަމުން އަންނާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓް ހަދަމުން އަންނަ ކަމަށާއި، އެ މަސައްކަތް ނިމުމުން އެކަމުގެ ތަފްސީލީ މައުލޫމާތު އާންމުކުރާނެ ކަމަށެވެ. މި ފިޔަވަޅަކީ ބަލި ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ ހަފުތާގެ ތެރޭގައި އެ ގައުމުން 3,100 އަށް ވުރެ ގިނަ ޓީބީ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ސަބާއިން (755 ކޭސް) އެވެ. މީގެ އިތުރުން ސެލަންގޯ، ސަރަވަކް، ޖޮހޯރް އަދި ކުއަލަ ލަމްޕޫރު ފަދަ ދިވެހިން ގިނައިން އުޅޭ ސަރަހައްދުތަކުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ވަނީ ފެނިފައެވެ.
ޓީބީ އަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ، ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު ކެއްސުން، ހުން އައުން، މޭގައި ރިއްސުން، އަދި ކުއްލިއަކަށް ބަރުދަން ލުއިވުން ހިމެނެއެވެ. މިއީ ފުރިހަމައަށް ފަރުވާކޮށްފިނަމަ ފަސޭހަވާ ބައްޔެއް ނަމަވެސް، ފަރުވާ ފުރިހަމަ ނުކޮށްފިނަމަ ބޭހަށް ނުގުޑާ ޓީބީއަށް ބަދަލުވުމުގެ ނުރައްކާ އޮވެއެވެ.
ރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ޑައިރެކްޓްލީ އޮބްޒަރވްޑް ޓްރީޓްމަންޓް (DOTS) އުސޫލުން ޓީބީއަށް ފަރުވާ ދެމުން އަންނަ ގައުމެކެވެ. އަދި 2018 ވަނަ އަހަރު އެކުލަވާލި ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރާއްޖެއިން ޓީބީ ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓްކުރުމަށާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށެވެ.


