Tuesday, 28 July 2026
ފޮޓޯ: ރޮއިޓާސް

އިސްރާއީލުން އިސްވެ އީރާނަށް ހަމަލާ ދޭން ފަށައިފި

އިސްރާއީލުން އީރާނަށް އިސްވެ ހަމަލާދޭން ފަށާފައިވާކަން ހޮނިހިރު ދުވަހު އިއުލާނުކޮށްފިއެވެ. މި ހަމަލާތަކާއެކު މެދުއިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް އާވެ، އީރާނުގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދިޔަ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

ނިއުޔޯކް ޓައިމްސްއިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ވެސް ދަނީ އީރާނަށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ތެހެރާނުން ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ އިސްރާއީލަށް ހުރި ނުރައްކާތައް ނައްތާލުމަށްޓަކައި އިސްވެ ހަމަލާދޭން ފަށާފައިވާ ކަމަށެވެ. އިސްރާއީލުގެ ދިފާއީ އޮފިޝަލަކު ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ އެމެރިކާއާ ގުޅިގެން މަސްތަކެއް ވަންދެން ރާވާފައިވާ ކަމެކެވެ.

ހޮނިހިރު ދުވަހު ތެހެރާނުން ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނާއިރު، އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ވަނީ ސައިރަންގެ އަޑު އިވިފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ވައިގެ ސަރަހައްދު އާންމު ދަތުރުފަތުރުތަކަށް ބަންދުކޮށްފައެވެ.

މި ހަމަލާތައް އައިސްފައިވަނީ މިދިޔަ ޖޫން މަހު ދެ ގައުމުގެ ދެމެދުގައި ހިނގި 12 ދުވަހުގެ ވައިގެ ހަނގުރާމައަށް ފަހުގައެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރަން ތައްޔާރު ކަމަށެވެ. ނަމަވެސް، އިސްރާއީލުން ބާރުއަޅަމުންދަނީ އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ އެއްކޮށް ނައްތާލުމަށެވެ.

އީރާނުން ވަނީ އެމެރިކާގެ ސިފައިން ތިބޭ އަވަށްޓެރި ގައުމުތަކަށް އިންޒާރުދީ، އެމެރިކާއިން ހަމަލާދީފިނަމަ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާދޭނެ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *