އިންޑިއާއަށް ދޭ ހަމަލާއެއްގައި އެ ޤައުމުގެ ވައިގެ ބާރު ނުވަތަ "އިންޑިއަން އެއަރފޯސް" ތައްޔާރަށް އޮތް މިންވަރު ދައްކާލުމަށް ބޭއްވި ޚާއްސަ އެކްސަސައިޒް "ވަޔޫ ޝަކްތީ" ރަޖަސްތާނުގެ ޕޮކްރަން ފީލްޑް ފަޔަރިން ރޭންޖުގައި ބާއްވައިފިއެވެ. މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ރައީސް ދްރޯޕަތީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެ ހިމެނޭހެން އިންޑިއާއާއެކު އަސްކަރީ ދާއިރާގައި މަސައްކަތްކުރާ ގިނަ ޤައުމުތަކެއްގެ ސިފައިންނާއި ނޫސްވެރިން ބައިވެރިވެފައިވެއެވެ.
މި އެކްސަސައިޒްގައި އިންޑިއާގެ ވައިގެ ބާރުގެ 130 އުޅަނދެއް ބޭނުންކޮށްފައިވާއިރު، މީގެ ތެރޭގައި އެ ޤައުމުގައި އަމިއްލައަށް އުފައްދާފައިވާ އެއަރކްރާފްޓްތަކާއި ހަނގުރާމަވެރި ވަސީލަތްތައް ހިމެނެއެވެ. ބައިވެރިވި އުޅަނދުތަކުގެ ތެރޭގައި ސޫ-30 އެމްކޭއައި، މިރާޖް 2000، މިގް-29، ޖެގުއާ އަދި އިންޑިއާގައި އުފައްދާފައިވާ "ދްރޫވް" އާއި "ޕްރަޗަންދް" ހެލިކޮޕްޓަރުތައް ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ދުޝްމަނުންގެ ހަމަލާތައް ހުއްޓުވައި ރައްދު ހަމަލާދޭނެ ގޮތުގެ ނަމޫނާތައް ވަނީ ދައްކާލާފައެވެ.
މި ހަރަކާތަކީ އިންޑިއާގެ އަސްކަރިއްޔާގެ އެކި ބަހާތަކުގެ ބާރު ދައްކާލުމަށް މިއަހަރު ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ. މިދިޔަ ހަފުތާގައި އެ ޤައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ބާރު ދައްކާލާފައިވާއިރު، އިންޑިއާގެ އަމާޒަކީ އަސްކަރިއްޔާގައި ބޭނުންކުރާ ވަސީލަތްތަކަކީ އެ ޤައުމުގެ އަމިއްލަ އުފެއްދުންތަކަށް ހެދުމެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ނިރުބަވެރި ޖަމާއަތަކުން ދިން ހަމަލާއެއްގެ ރައްދުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ސިންދޫރު" ގައި ވައިގެ ބާރު ހަރަކާތްތެރިވި ގޮތްވެސް މި އެކްސަސައިޒްގެ ތެރެއިން ވަނީ ދައްކާލާފައެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ޤައުމުން އަބަދުވެސް މަސައްކަތް ކުރާނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށާއި، އެއްވެސް އިރަކު އިސްވެ އެއްވެސް ބަޔަކަށް ހަމަލާ ނުދޭނެ ކަމަށެވެ. ނަމަވެސް ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ރައްދުދިނުމަށް ތައްޔާރަށް އޮތްކަމާއި، އެކުވެރި ޤައުމުތަކަށް ދިމާވާ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން މި ހަރަކާތްތަކުން ހާމަކޮށްދޭ ކަމަށް އެ ޤައުމުން ބުނެއެވެ.


