Tuesday, 28 July 2026
ޗާގޯސް

ޗާގޯސް މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލައިފި

ޗާގޯސް ޖަޒީރާގެ މައްސަލައިގައި އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ދިވެހިރާއްޖެއާ އެކު ބާއްވަމުން އައި ހާރިޖީ ގުޅުންތައް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސް ސަރުކާރުން ނިންމައިފިއެވެ.

މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުން އިއްޔެ މިގޮތަށް ނިންމީ ޗާގޯސްގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ގަބޫލުކުރަން ދެކޮޅު ހަދަމުންދާ ކަމަށް ބުނެއެވެ. އަދި އިނގިރޭސި ސަރުކާރާއެކު މޮރިޝަސްއިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒު ކުރާކަން ވެސް އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ މި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި، ބައިނަލްއަގްވާމީ މާހިރުންގެ ލަފާގެ މަތިން އެ ސިޓީ އަނބުރާ ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މޮރިޝަސްއަށް ޗާގޯސް ދިނުމަށް މިދިޔަ އަހަރުގެ މެއި މަހު އެއްބަސްވުމެއްގައި ސޮއިކުރެވުނު ނަމަވެސް، އިނގިރޭސިވިލާތުން ބުނަމުންދަނީ މިއީ ހަމައެކަނި އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ސްޓްރެޓީޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށާއި އިނގިރޭސިވިލާތަށް އޮންނާނެއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ދެ ގައުމުގެ ގާނޫނީ މަރުހަލާތައް ފުރިހަމަވުމުންނެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި ބަހާލުމަށެވެ. މި ނިންމުމުގެ ދަށުން ރާއްޖެއަށް 47,232 އަކަ ކިލޯމީޓަރު ލިބުނުއިރު، މޮރިޝަސްއަށް ލިބުނީ 45,331 އަކަ ކިލޯމީޓަރެވެ. ނަމަވެސް މި ބަހާލުމުގެ ސަބަބުން ރާއްޖެއިން ކުރިން ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ ސަރަހައްދުން ގާތްގަނޑަކަށް 5 މޭލު ވަނީ ގެއްލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *