ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ގޮތުން ތަހުގީގެއް ކުރަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
އެޗްއާރްސީއެމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ނިންމާފައިވާ ކަމަށެވެ.
ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން މިރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމައިފި.…
— HRC of the Maldives (@hrcmv) February 24, 2026
އެ ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ކަމަށް ވެސް ވިދާޅުވިއެވެ.
އެޗްއާރްސީއެމް އިން މިފަދައިން ބުނެފައިވާއިރު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު، ވެމްކޯ ސައިޓު ތެރޭގައި ހިންގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަަމަށެވެ.
ފުލުހުން ހަމައެކަނި ވިދާޅުވީ އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.


