ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ވޯޓު ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިހާރު ފާސްކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީން އެކުލަވާލި ޓާސްކްފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އެ ގަރާރަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި މިއަދުގެ ވަގުތެއްގައި ކޯޓަށް މައްސަލަ ވައްދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މައުރޫފް ވިދާޅުވި ގޮތުގައި މި ވޯޓު ނުހުއްޓުވައިފި ނަމަ ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް، ގާނޫނުއަސާސީ ބުނާގޮތުން މިފަދަ ބޮޑު ބަދަލެއް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް ރުހުން ލިބިގެން ކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބާ އެކު މި ވޯޓު ކުރިއަށް ގެންދަން ތާވަލުކޮށްފަ އެވެ. އެމްޑީޕީން ބުނީ މިކަން ހުއްޓުވުމަށް ކޯޓަށް ދިއުމުގެ އިތުރުން، އަންނަ މާޗް މަހު ބޮޑު އެއްވުމެއް ބޭއްވުމަށް ވެސް ރާވަމުންދާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މި ބަދަލު ގެންނަން ބޭނުންވަނީ އިންތިހާބުތަކަށް ހިނގާ ބޮޑު ހަރަދު ކުޑަކުރުމުގެ މަގުސަދުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުން އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.


