Tuesday, 28 July 2026
ހީނާ ވަލީދު

ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީން ބޮޑުތަނުން ކާމިޔާބުކުރާނެ: ހީނާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަރަށް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހެންވޭރު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ބައިވެރިވެވަޑައިގެން ހުންނަވާ ރާއްޖެ24 އަށް ދެއްވި އިންޓަވިއުއެއްގައި ހީނާ ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންނާ ވަރަށް ގާތުން ވެރިކަން ކުރައްވަން ބޭނުންފުޅުވާ ރައީސެއް ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ ރޯދަމަހުގެ މެންދުރު ގަޑީގައި ވެސް ރައީސް ގެންދަވަނީ ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސް އެ ވަޑައިގަންނަވަނީ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ އަޑުއައްސަވާ އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން،" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން އިންތިހާބަށް ނެރެފައިވާ ކެނޑިޑޭޓުންނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، އެ ޕާޓީން ކުރިމަތިލާފައިވަނީ ވަރަށް ގާބިލް، ތަޖުރިބާހުރި އަދި އެ ދާއިރާތަކުން ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެންމެ ގާބިލްކަން ހުރި ކެނޑިޑޭޓުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި އިރާދަކުރެއްވިއްޔާ ފަސްޖެހިވަޑައެއް ނުގަންނަވާނެ ކަމަށެވެ. އަދި ރައީސްގެ މި ގާތްކަމާއި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *