ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދި އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލު ކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އެވެ. ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އޭނާގެ މަސައްކަތަށް މިނިސްޓަރު ޝަހީމް ތައުރީފު ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.


