އިސްލާމިކް ވަޤުފް ޑިޕާޓްމަންޓުން މަޢުލޫމާތު ދޭ ގޮތުގައި، އިސްރާއީލުން އަޅާފައިވާ ހަރުކަށި ހުރަސްތަކާއެކުވެސް، ރަމަޟާން މަހުގެ އަޅުކަން އަދާކުރުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ މިސްކިތުގެ ގޯތިތެރެއަށް ޖަމާވެފައެވެ.
ހުޅަނގު އައްސޭރިން ގުދުސްއަށް ނަމާދަށް އަންނަން ބޭނުންވާ ފަލަސްތީނު މީހުންނަށް އިސްރާއީލުން ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، މިސްކިތަށް ވަނުމުގެ ކުރިން ސަލާމަތީ އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ގުދުސްގެ އުތުރާއި ދެކުނުގައި ހުންނަ ކަލަންޑިއާ އަދި ޗެކްޕޮއިންޓް 300 އަށް ޖަމާވި އެތައް ހާސް ބަޔަކަށް އިސްރާއީލުގެ ސިފައިން ވަނީ އެ ސިޓީއަށް ވަނުން މަނާކޮށްފައެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ ގުދުސްއަށް ވަދެވޭ މަގުތަކާއި މިސްކިތުގެ ދޮރުތަކުގެ ކައިރީގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައެވެ. މީގެ ބޭނުމަކީ ނަމާދަށް އަންނަ މީހުންނަށް ހުރަސްއެޅުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވަޤުފް ޑިޕާޓްމަންޓުން އިތުރަށް ހާމަކުރި ގޮތުގައި، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަހަކަށް އައިސް ގުދުސްގެ 300 ފަލަސްތީނު ރައްޔިތުންނަށް އަލްއަޤްޞާ މިސްކިތަށް ނުވަދެވޭނެ ކަމުގެ އަމުރުތައް ނެރެފައެވެ. މިފަދަ ހުރަސްތަކުގެ ސަބަބުން ގިނަ ބަޔަކަށް މިސްކިތުގައި އަޅުކަން ކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.


