Tuesday, 28 July 2026
ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުގެ ހަރުކަށި ގްރޫޕަކުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަރުކަށި ގްރޫޕަކުން، އިސްރާއީލު ސިފައިންގެ އެހީތެރިކަމާއެކު ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް ބަޑީގެ ހަމަލާދީ ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައި، އިތުރު ހަތަރު މީހަކު ޒަހަމްކޮށްލައިފިއެވެ.

ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި ޝަހީދުވެފައިވަނީ އުމުރުން 19 އަހަރުގެ ނަސްރުﷲ އަބޫ ސިޔާމް އެވެ. ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ 'ވަފާ' އިން ރިޕޯޓްކުރާ ގޮތުގައި، މިއީ މިއަހަރުގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުވި ފުރަތަމަ ފަހަރެވެ.

އިރުމަތީ ގުދުސްގެ އިރުއުތުރުގައި އޮންނަ މުޚްމާސް އަވަށަށް ދިން މި ހަމަލާގައި، އިސްރާއިލް ރައްޔިތުން އެ އަވަށުގެ ރައްޔިތުންގެ އަތުން ގިނަ އަދަދެއްގެ ކަންބަޅި ބަކަރިތަކެއް ވެސް ފޭރިގެންފައެވެ. ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުގެ ވެރިޔާ މުއައްޔަދު ޝައުބާން ވިދާޅުވި ގޮތުގައި، މިއީ ސިސްޓަމެޓިކް ޓެރަރިޒަމްގެ ނުރައްކާތެރި އިތުރުވުމެއް ކަމަށާއި، މީގެން ހާމަވަނީ އެމީހުންނާއި އިސްރާއީލު ސިފައިންނާ ދެމެދު އޮތް ބަދަހި ގުޅުމެވެ.

ޝައުބާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި ސެޓްލަރުން ވަނީ 37 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. ނަމަވެސް، މިފަދަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމަށް އޮތް ލޯބި ކުޑަނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުދުސްގެ ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި މި އަމަލު ސިފަކޮށްފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ ބެލުމުގެ ދަށުން ހިންގި ފުރިހަމަ ޖަރީމާއެއްގެ ގޮތުގައެވެ. އަދި މިއީ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ނުރައްކާތެރި ހަމަލާތަކުގެ ބައެއް ކަމަށާއި، މީގެ ތެރޭގައި އާންމުންގެ ގަޔަށް ބަޑިޖެހުމާއި، ގެދޮރާއި މުދަލުގައި ހުޅުޖެހުމާއި، ބިންތަކަށް ވެރިވެގަތުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.

މުޚްމާސް އަވަށާއި އެއާ އިންވެގެން އޮންނަ ބެޑުއިން މުޖުތަމައުތަކަށް އިސްރާއީލު ސެޓްލަރުން ތަކުރާރުކޮށް ހަމަލާދެމުންދާއިރު، ގިނަ ފަހަރަށް މި ހަމަލާތައް ދެނީ އިސްރާއީލު ސިފައިންގެ ހިމާޔަތުގެ ދަށުގައި ތިބެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *