Tuesday, 28 July 2026

ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފި

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތޯރިގް ރަހުމާނަށް ދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް ފަހު ތޯރިގް ރަހުމާނާ ބައްދަލުކުރައްވައި، ރައީސް މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދޭދޭ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުން ވެސް ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ.

ދެ ގައުމުގެ ވެރިންގެ މެދުގައި ބޭއްވުނު މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ ފުޅާކުރުމުގެ މައްޗަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާ، ތިމާވެށި، މަތީ ތައުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. ބޮޑުވަޒީރު ތޯރިގް ރަހުމާން ވަނީ އެ މަނިކުފާނުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އައިސްފައި މިވަނީ، 2024 ވަނަ އަހަރު ޒުވާނުން އިސްވެ ކުރި މުޒާހަރާތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ. އާ ބޮޑުވަޒީރު ތޯރިގް ރަހުމާނަކީ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ. މި ބަދަލާއެކު ރާއްޖެއިން ބަންގްލަދޭޝްއާ އެކު އޮންނަ ގުޅުން އާ މިސްރާބަކަށް ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *