Wednesday, 29 July 2026
އިސްލާމިކް މިނިސްޓްރީން އައިލެންޑް އޭވިއޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހައްޖާއި އުމްރާގެ ކަންކަމުގައި އެހީތެރިވުމަށް އިސްލާމިކް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ހައްޖާއި އުމްރާގެ ކަންކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާ ދެމެދު އިއްޔެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ފަސޭހަ އަދި އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރުން، މާލެ އާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ދީނީ ކަންކަމާ ގުޅޭ ތަމްރީނުތައް ދިނުމާއި، މިނިސްޓްރީން ބާއްވާ ހައްޖު އަދި އުމްރާ ކޮންފަރެންސް ފަދަ ހަރަކާތްތަކުގައި އެ ކުންފުނީގެ ބައިވެރިވުން ހޯދުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، މިދިޔަ އަހަރުން ފެށިގެން މޯލްޑިވިއަން އިން ވަނީ ސައޫދީ އަރަބިއްޔާއަށް ހައްޖުވެރިން އުފުލަން ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 500 ހައްޖުވެރިން ވަނީ ގައުމީ އެއާލައިންގައި ދަތުރުކޮށްފައެވެ. މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މޯލްޑިވިއަން މެދުވެރިކޮށް ހައްޖުވެރިން އުފުލަން ފެށުމުން ދަތުރުތަކުގެ ހަރަދުން ގާތްގަނޑަކަށް 3.4 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހުރިހާ ހައްޖުވެރިންވެސް ގައުމީ އެއާލައިންގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *