އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ތިން އަހަރު ދުވަހުގެ މުއްދަތަށް މެދުކެނޑުމެއްނެތި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ހމ. ޚައިރާތު، އުމުރުން 27 އަހަރުގެ ޢަލީ އަފްލަޙު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާއަކީ ފުޅާ ދާއިރާއެއްގައި ޓިއުޝަން ދިނުމުގެ ވިޔަފާރި ކުރަމުން އައި މީހެކެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަފްލަޙު އެ ކުއްޖާއަށް ޖިންސީ ގޯނާކުރަން ފަށާފައިވަނީ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެންނެވެ. އަދި ކުއްޖާއަށް 16 އަހަރު ވަންދެން އެކި ދުވަސްމަތިން ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައިގައި އަފްލަޙުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ފުލުހުން ބުނީ މިއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ހިންގާފައިވާ ވަރަށް ސީރިއަސް އަމަލެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާ މައްސަލަތަކެކެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާއިރު، އިއްޔެވެސް ފުލުހުން ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނެއްގެ ވަނަވަރު ހާމަކޮށްފައެވެ.


