ދިވެހިރާއްޖޭގެ ކުޅިވަރު ނޫސްވެރިކަމުގެ މައިދާނުގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ސާއިދު އަޙްމަދަށް، ދައުލަތުގެ ފަރާތުން ދޭ ޚާއްސަ ރެކޮގްނިޝަން އެވޯޑު އަރުވައިފިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024″ ގެ ޝަރަފުވެރި ޙަފްލާގައި ސާއިދުއަށް މި އެވޯޑު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.
މީގެ 17 އަހަރު ކުރިން، 2009 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދުއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅިވަރު ނޫސްވެރިޔާއެވެ. އުމުރުން އެންމެ 20 އަހަރުގައި މި ދާއިރާއާ ގުޅުނު ސާއިދު ވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ 13 އަހަރު އެއްވެސް އުޖޫރައަކާ ނުލައި ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކޮށްފައެވެ. ޕީއެސްއެމްއާ 2015 ވަނަ އަހަރު އެސިސްޓަންޓް ޕްރޮޑިއުސަރެއްގެ ގޮތުގައި ގުޅުނު ސާއިދު މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ ކުޅިވަރު އެޑިޓަރުގެ މަގާމުގައެވެ.
ސާއިދުގެ ޚިދުމަތްތައް ފާހަގަކުރެވެނީ ހަމައެކަނި ޚަބަރު ފެތުރުމުގެ ދާއިރާއަކުން ނޫނެވެ. އޭނާއަކީ ކުޅަދާނަ ކޮމެންޓޭޓަރެއްގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި، އެތުލީޓުން އަދި ކޯޗުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ހުނަރުވެރި ޝަޚުސިއްޔަތެކެވެ. ބަލިހާލަތުގެ ސަބަބުން ކެމެރާ ކުރިމައްޗަށް ނޭރުނު ދުވަސްތަކުގައި ވެސް، ކެމެރާގެ ފުރަގަހުގައި ހުރެގެން އޭނާ ވަނީ ކުޅިވަރުގެ މަޢުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ.
ސާއިދުގެ ޚިދުމަތްތައް އެންމެ ޚާއްސަވަނީ އޭނާ ކުރިމަތިލީ ސިއްޙީ ބޮޑެތި ގޮންޖެހުންތަކާއެކުވެސް ދެއްކި ސާބިތުކަމުގެ ސަބަބުންނެވެ. އެގޮތުން 2018 ވަނަ އަހަރު ދެ ކިޑްނީ ފެއިލްވުމާއި، އޭގެ ފަހުން ކެންސަރު ބަލީގެ ވޭނުގައި އުޅެންޖެހުނު އިރުވެސް، ސާއިދު ވަނީ މެދުކެނޑުމެއްނެތި ކުޅިވަރު ނޫސްވެރިކަމުގައި ދެމިހުރެފައެވެ. މި އެވޯޑަކީ އޭނާގެ މި ބުރަ މަސައްކަތާއި، ކުޅިވަރު ދާއިރާއަށް ގެންގުޅޭ ޚާއްސަ ލޯތްބާއި ވަފާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ދިން މުހިންމު ހަދިޔާއެކެވެ.


