Wednesday, 28 October 2026

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހި ނިންމާ އާންމު ދަތުރުފަތުރަށް ހުޅުވާލައިފި

މާލޭ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި، މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މިދިޔަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. މި މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ.

މަގު ހުޅުވުމުގެ ކުރިން އެ ސަރަހައްދު ފެހިކުރުމަށްޓަކައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތެއްގައި ދައުލަތުގެ 12 ވަޒީރުންނާއި އިސްވެރިންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫޢަކީ ރަމަޟާން މަހުގެ ކުރިން ނިންމުމުގެ އަމާޒާއެކު ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މީގެ ކުރިން ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތަރައްޤީކޮށް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް އޮތް މި މަގު ފުޅާކޮށް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރުމުން ބާރުބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށެވެ.

"މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް މިއާއެކު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި އާންމު ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *