Tuesday, 28 July 2026

ރާއްޖެ ފަދަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުން މުހިންމު: ރައީސް

ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޖަރުމަނުގެ ބާލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް އިއްޔެ ޒިޔާރަތްކުރައްވައި ދެއްވި ހާއްސަ ތަގްރީރެއްގައެވެ.

ރައީސްގެ ތަގުރީރުގައި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެކަކު އަނެކަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ގޮވާލެއްވިއެވެ. ރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު ދުނިޔޭގެ ނިސްބަތުން މަދު ގައުމަކަށް ވީނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ގައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް ހޭނުމަކީ ރާއްޖެއަށް އިހުތިޔާރީ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ގައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. "މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މޫސުމީ ނުރައްކާތަކަށް ތައްޔާރުވުމުގެ މަސައްކަތް ލަސްކުރުމަކީ މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ސައިންސްގެ އަލީގައި ނުރައްކާތައް ހިމެނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށެވެ. އަދި މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތާއި ގައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *