މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މި މަހުގެ ދެވަނަ ދުވަހު މަރުވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ މީހުންގެ އޮޓޮޕްސީ ހަދަން ރާއްޖޭން ބޭރަށް ފޮނުވާލައިފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި އިއްޔެގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.
މި މައްސަލައިގައި މަރުވެފައިވަނީ މާލޭ ދަފްތަރު ނަންބަރު 439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލާއި، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ހަސަން ނިޔާޒެވެ. މި ދެ މީހުންގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާކަން މިދިޔަ އާދިއްތަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިބްރާހިމް ސުހައިލް މަރުވީ ނިއުމޯނިއާ ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފުތާއެއް ވީފަހުންނެވެ. އޭނާއަކީ މީގެ ކުރިން ސްޓްރޯކެއް ޖެހިފައިވާ މީހެއް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަދި ހަސަން ނިޔާޒު މަރުވީ ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ގައިދީންގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ތުހުމަތުތައް ކުރެވެމުންދާއިރު، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފައެވެ. ފުލުހުން އޮޓޮޕްސީ ހަދަން ނިންމީ މި މަރުތަކުގައި އެއްވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިތޯ ބަލައި، މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށެވެ.


