ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، 20 ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ މަޖިލިސްތަކުން ފެށިގެން، މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. މި ބަދަލާއެކު ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުގެ މަގު ފަހިވެގެންދާނެއެވެ. މި އިސްލާހު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ އެއްވެސް ބަދަލެއް ނުގެނެސް މި އިސްލާހު ފާސްކުރުމަށް އިއްޔެ ނިންމާފައެވެ.
ސަރުކާރުން މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އެ ފައިސާ ބޭނުންކުރާނީ ރައްޔިތުންގެ އިޖުތިމާޢީ އެކި ބޭނުންތަކާއި ނިކަމެތި އާއިލާތަކަށް އެހީތެރިވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި އިސްލާހާ މެދު ސިޔާސީ މައިދާނުގައި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާއި ކުރީގެ ރައީސް ޔާމީން މިކަމާ ދެކޮޅު ހެއްދެވިއިރު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިއީ ވެރިކަން ދިފާއުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.


