Tuesday, 28 July 2026

ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދި އެމްއެންޑީއެފްގެ ޓީމަށް ރައީސްގެ ތައުރީފު!

ޕާކިސްތާނުގައި ބޭއްވި މި އަހަރުގެ ޕާކިސްތާނު އާމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ސްޕެޝަލް ފޯސަސް ޓީމުން ރަން މެޑަލް ހާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ސިފައިން ހޯދި މި ކާމިޔާބީއަށްޓަކައި އެ ޓީމުގެ ހުރިހާ މެންބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ، އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

މި އަހަރުގެ މުބާރާތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، 16 ގައުމަކުން 24 ޓީމު ބައިވެރިވި މި އަހަރުގެ މުބާރާތަކީ އަސްކަރީ ހުނަރުތަކާއި، އަޚުލާގާއި، ހިތްވަރާއި، ކެތްތެރިކަމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިމްތިހާނުކުރާ ވަރަށް ވަރުގަދަ މުބާރާތެއް ކަމަށެވެ. އަދި މިއީ ތަފާތު ދަތި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ދައްކުވައިދޭ މުބާރާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕެޓްސް މުބާރާތަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ އުކުޅުތަކާއި، ތަފާތު ހާލަތްތަކުގައި އޮޕަރޭޝަނަލް ރެސްޕޮންސް ދޭނެ ގޮތްތައް ވަނީ ތަޖުރިބާކޮށްފައެވެ. ޕާކިސްތާނުގެ ޕައްބީގައި ހުންނަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ފެބްރުއަރީ 5 އިން 7 އަށް ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ 15 ސިފައިންނެވެ.

ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން ސިފައިންނަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމާއި، އޮޕަރޭޝަނަލް ގޮތުން ސިފައިންގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *