Tuesday, 28 July 2026
ސަންޑޭ ޓައިމްސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަފާތު އަށް ބާވަތެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާނުކޮށްފިއެވެ. މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާގެ ބާވަތްތަކުގެ ތެރޭގައި މުށި، ހޮޅި، ކަރީ ފިޝް، ހުދު ކިރު، ކަޅު ކިރު، އިލަފަންޓް، ކަށި އަދި ބުއްފުޅި ހިމެނެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހުރިހާ ބާވަތެއްގެ ހުއިފިލަނޑާ ވެސް ވިއްކަން ފަށާ އެންމެ ކުޑަ އަގަކީ ކިލޯއަކަށް 300 ރުފިޔާއެވެ.

މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓަރީވުމަށްޓަކައި ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއަކާއެކު ފުލުހުންގެ ރަސްމީ އީމެއިލަށް ފޮނުވަންޖެހެއެވެ. ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފުލުހުންގެ ފަރާތުން ކަށަވަރު މެއިލެއް ފޮނުވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. ނީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ހެނދުނު 11:00 އެވެ.

ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ދޫނިދޫގައެވެ. ނީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރާ ފަރާތްތަކުން އެ ދުވަހުގެ ހެނދުނު 10 ޖަހާއިރު މާލޭގެ 3 ނަންބަރު ޖެޓީ ސަރަހައްދަށް ނުވަތަ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމައްޗަށް ހާޒިރުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. ނީލަމަށް ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ނީލަމަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ނުވަތަ ވިއްކާލުމުގެ އުސޫލުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިފަދަ ނީލަންތަކަކީ ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާއި އެހެނިހެން މައްސަލަތަކުގައި ހިފެހެއްޓޭ ތަކެތި އާންމުކޮށް ހުޅުވާލައިގެން ވިއްކާލުމަށް ބާއްވާ ހަރަކާތްތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *