މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖަރުމަނު ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަކީ މި ބައްދަލުވުންތަކުގެ މައިގަނޑު އެއް މަގުސަދެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީއަށް ޒިޔާރަތްކުރައްވައި، ޚާއްސަ ތަޤުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުޟޫއަށް ދެއްވާ މި ތަޤުރީރުގައި، ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމައާ ހިއްސާކުރައްވާނެއެވެ.
މީގެ އިތުރުން ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވާނެއެވެ. އެތަނުގައި ވެސް އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން ރާއްޖޭގެ ތަސައްވުރު ހާމަކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމަށްޓަކައި މި ދަތުރުފުޅުގެ ތެރެއިން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވާނެއެވެ. މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދެއްވައި، ޖަރުމަނުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ހިތްވަރު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


